އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިންޑިއާއަށް ފުރާވަޑައިގަނެފި އެވެ.
ތިން ވަނަ ދައުރަކަށް ހޮވުނު މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ. މިއީ ރަސްމީ ދަތުރެއްގައި ރަައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރެވެ.
މޯދީ ހުވާ ކުރެއްވުމުގެ ޖަލްސާއަށް ވަޑައިގަތުމުގެ ދައުވަތު އެ ގައުމުގެ ސަފީރު މުނޫ މަހާވަރު ރައީސް މުއިއްޒަށް އެރުވުމުން، ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަނީ ރަނގަޅު މިސްރާބަކަށް ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރަން މޯދީއާއެކު މަސައްކަތް ކުރުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒުގެ އިތުރުން މި ސަރަހައްދުގެ އެހެން ބައެއް ލީޑަރުންނަށް ވެސް މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވި އެވެ. އޭގެ ތެރޭގައި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހެ އާއި ސިޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރް އާއި ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް އާއި ބޫޓާނުގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވެސް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގެ ވައުދާއެކު އެވެ.
އިންޑިއާގެ ބަދަލުގައި ރައީސް މުއިއްޒު ދަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ޗައިނާއަށެވެ. އެ ދަތުރަށްފަހު ރައީސް ވަނީ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދީފަ އެވެ.