ލަންކާ ސަރުކާރުން އެދުނީ ރެމިޓެންސް ފޮނުވުމުގައި އެ ގައުމުގެ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ސްރީ ލަންކާގެ ރައްޔިތުން އެ ގައުމަށް ފައިސާ ފޮނުވުމުގައި ލުއި ގޮތްތަކެއް ހަމަޖަައްސައިދިނުމަށް ލަންކާ ސަރުކާރުން އެދެފި އެވެ.

ދިވެހިރާއްޖެއަކީ ރެމިޓެންސްގެ ގޮތުގައި އެންމެ ގިނައިން ލަންކާއަށް ފައިސާ ދޮނުވާ އެއް ގައުމެވެ. ނަމަވެސް ރެމިޓެންސްގެ ގޮތުގައި މަހަކު ބޭރު ކުރެވޭ ޑޮލަރުގެ އަދަދު ބޭންކުތަކުން އޮންނަނީ ލިމިޓުކޮށްފަ އެވެ. އެކި ބޭންކުތަކުން އެކި އަދަދުތައް ކަނޑައަޅާފައިވާއިރު އަދަދު އުޅެނީ 250 ޑޮލަރާއި 300 ޑޮލަރާ ދެމެދުގަ އެވެ.

“ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ މަސައްކަތްތެރިންގެ ފައިދާއަށްޓަކައި، ރެމިޓެންސްގެ ގޮތުގައި ފޮނުވޭ ބޭރު ފައިސާގެ ލިމިޓު ރިވިއު ކުރުމަށް ވާނީ އެދިފަ،” ސްރީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ހަވާލާދީ ލަންކާގެ އިކޮނޮމީ ނެކްސްޓުގައި ލިޔެފައިވެ އެވެ.

ލަންކާގެ 15،000 އާއި 20،000 އާ ދެމެދުގެ އަދަދެއްގެ މީހުން ރާއްޖޭގައި މަސައްކަތް ކުރެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މިދިޔަ ހަފުތާގައި ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އެ ދަތުރުގައި ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރިއިރު، ރެމިޓެންސްގެ ވާހަކަ ދައްކާފައި ވަނީ ވެސް އެ ދަތުރުގަ އެވެ.

އެ ދަތުރުގައި، ރާއްޖެ އާއި ލަންކާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރި އެވެ. ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރި އެވެ. ރާއްޖެއިން ވެސް ގިނަ ކަންކަމަށް އެ ދަތުރުގައި އެދުނެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދާއިމީ ރެސިޑެންސީ ވިސާއެއް ދޫކުރުމަށް ރާއްޖެއިން އެދުނެވެ.

އެ މަޝްވަރާތަކުގައި، ދިވެހިންނަށް އޮން އެރައިވަލް 90 ދުވަހުގެ ވިސާއެއް ދޫކުރުމަށް ވެސް މަޝްވަރާ ކުރި އެވެ. އެގޮތަށް ލަންކާއިން އެއްބަސްވެފައިވާ ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *